
ނ.ވެލިދޫ ޤުރްއާން މުބާރާތް 1446
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ނ.ވެލިދޫ ޤުރްއާން މުބާރާތް 1446 މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އަދި 28 ޖޫން 2025 ގައެވެ. މި މުބާރާތުގައި ޖުމްލަ 68 ބައިވެރިން ވާދަކުރާއިރު، އޭގެ ތެރެއިން 17 ބައިވެރިން ވާދަކުރާނީ ނުބަލާ ކިޔުމުގެ ގޮފީގައެވެ. އަދި 51 ބައިވެރިން ވާދަކުރާނީ ބަލައިގެން ކިޔެވުމުގެ ގޮފީގައެވެ.
ވެލިދޫ ޤުރްއާން މުބާރާތަކީ ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް ބާއްވާ މުބާރާތެކެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގަށް ޤުރްއާން ކިޔެވުމަށާއި، ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ އިތުރުން، ޤައުމީ ޤުރްއާން މުބާރާތަށް ބޭނުންވާ ބައިވެރިން އުފެއްދުމަކީވެސް މި މުބާރާތުގެ މައިގަނޑު މަޤްޞަދެވެ.
މި މުބާރާތުގައި ވާދަކުރެވޭ އުމުރުފުރާތަކަކީ
- 18 އަހަރުން މަތި
- 15 އަހަރާއި 17 އަހަރާ ދެމެދު
- 13 އަހަރާއި 14 އަހަރާ ދެމެދު
- 10 އަހަރާއި 12 އަހަރާ ދެމެދު
- 7 އަހަރާއި 9 އަހަރާ ދެމެދު
- 4 އަހަރާއި 6 އަހަރާ ދެމެދުގެ އުމުރުފުރާތަކެވެ.
މި ހުރިހާ އުމުރުފުރާއަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވޭނެއެވެ.
މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތަށް ޢުމްރާ ދަތުރެއް ލިބޭއިރު، 2 ވަނައަށް 10,000 ރުފިޔާ އަދި 3 ވަނައަށް 7,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން ވަކިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައި، އިނާމު ދެވޭނެއެވެ.
މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވެއެވެ. މި ގޮތުން މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޯލްޓެޑް ފައިބަރ ވޯކްސް އަދި ކޯ ސްޕޮންސަރެއްގެ ގޮތުގައި ވެނީލާ އިންވެސްޓްމެންޓް ހަރަކާތްތެރިވެއެވެ. އެސޯސިއޭޓް ސްޕޮންސަރުންގެ ގޮތުގައި މާރޗީ އެމް.ވީ އާއި ވެލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ބައިވެރިވެފައިވާއިރު، އެލަންޒާ މޯލްޑިވްސް އާއި ހުސްއަލި ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވަނީ ޕާޓްނަރ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވެފައެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއަކީ މުބާރާތުގެ ބޭންކިންގ ޕާޓްނަރެވެ. އަދި ގާސިމްސްއަކީ މުބާރާތުގެ ޑިޒައިނިންގ ޕާޓްނަރެވެ. މި މުބާރާތް ކާމިޔާބު ކުރުމަށް މި ފަރާތްތަކުގެ އިތުރުން އެހެން ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަންވެސް ލިބިފައިވެއެވެ.

