ރައީސް ޔާމީން ވެލިދޫ ބަނދަރު ހުޅުއްވައިދެއްވައިފި

ޒަމާނީ ފެންވަރަށް ނ. ވެލިދޫގައި ސަރުކާރުން ތަރައްގީކޮށްފައިވާ ބަނދަރު ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ޔާމީން ވެލިދޫ ބަނދަރު ހުޅުވައިދެއްވީ މިއަދު ހަވީރު އެ ރަށަށް ވަޑައިގެންނެވެ.

ވެލިދޫގައި މިއަދު ރައީސް ޔާމީން ހުޅުއްވައިދެއްވި ބަނދަރަކީ 800 ފޫޓު ދިގު، އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ. އެ ބަނދަރު ތަރައްގީކޮށްފައިވަނީ މޯލްޑިވްސް ޓާރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ.

ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިހާތަނަށް ނ. އަތޮޅު މާޅެންދޫ އާއި ހެންބަދޫ އަށް ވަނީ ޒިޔާރަތްކޮށް އެ ރަށްތަކުގެ ބަނދަރު ހުޅުއްވައިދެއްވައިފައެވެ.

އެ ދަތުރުފުޅުގައި ނ. އޮތޮޅުގެ އިތުރުން ބ. އަތޮޅުގެ ބައެއް ރަށްރަށާއި ޅ. ހިންނަވަރަށް ރައީސް ޔާމީން ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެމަނިކުފާނުގެ އަރިިހުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.