އޯޒޯން ދުވަހާއި ގުޅިގެން ކުރެހުމާއި، ފޮޓޯ ނެގުމުގެ މުބާރަތެއް

ދުނިޔޭގެ އޯޒޯން ދުވަހަކީ، އޯޒޯން ފަށަލައަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިގޮތުން މިދިޔަ އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އިން ކުރެހުމާއި، ފޮޓޯ ނެގުމުގެ މުބާރަތެއް ވަނީ ފަށާފައެވެ.   

15 އަހަރުން ދަށުގެ އުމުރުފުރާއަކަށާއި، 15 އަހަރުން މަތީގެ އުމުރުފުރާއަކަށް ބަހާލެވިގެން ބޭއްވޭ މިމުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ ގްރެފިކް ޑިޒައިންއާއި، ކުރެހުމާއި، އަދި ފޮޓޯގްރަފީއެވެ.

މި މުބާރާތުގައި 15 އަހަރުން ދަށުގެ އުމުރުފުރާގެ ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ސެޓްފިކެޓްގެ އިތުރުން 1000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، 15 އަހަރުން މަތީގެ އުމުރުފުރާގެ ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ސެޓްފިކެޓްގެ އިތުރުން 2500 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ދެއުމުރުފުރާގެ ކޮންމެ ކެޓަގަރީއަކުންވެސް ދެވަނަ އަދި ތިންވަނަ ހޮވާ އެފަރާތްތަކަށްވެސް ސެޓްފިކެޓް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިމުބާރަތުގެ އެއް ތީމް އަކީ “އޯޒޯން ފަށަލަ ރައްކާތެރިކުރުމަށާއި ދުނިޔޭގެ ފިނި ހޫނުމިނަށް އަންނަ  ބަދަލުތައް ކުޑަކުރުމަށް ހަދާފައިވާ މުޢާހަދާތައް ކަމަށްވާ ވިއެނާ ކޮންވެންޝަން އާއި މޮންޓްރިއަލް ޕްރޮޓޮކޯލް އަދި މޮންޓްރިއަލް ޕްރޮޓޮކޯލްއަށް ގެނެވުނު އިޞްލާހުކަމަށްވާ ކިގާލީ އެމެންޑްމެންޓްގެ ކާމިޔާބީތައް، ހަރަކާތްތައް އަދި ފައިދާތައް”  މިއެވެ. މިމުބާރާތުގެ ދެވަނަ ތީމް އަކީ އޯޒޯން ދުވަހުގެ ތީމް ކަމުގައިވާ ” މޮންޓްރިއަލް ޕްރޮޓޮކޯލް އަހަރުމެންނާއި، އަހަރުމެންގެ ކާބޯތަކެތި އަދި ވެކްސިން، ފިނިކަން މަތީ ދަމަހައްޓައިދިނުމުގައި” އެވެ.

މިމުބާރާތުގައި ބައިވެރިކުރަން ބޭނުންވާ އުފެއްދުންތައް ހުށަހަޅުއްވާނީ 31 މާރިޗު 2022 ގެ ކުރިން އޮންލައިންކޮށް www.ozone2climate.org މި ވެބްސައިޓް މެދުވެރިކޮށެވެ. މިމުބާރަތާއި ގުޅޭގޮތުން ސާފުކުރައްވަން ބޭނުންފުޅުވާ އިތުރު މަޢުލޫމާތުވެސް މިވެބްސައިޓް އިން ލިބެން ހުންނާނެއެވެ.