Habaru

ޤާނޫނު ނަންމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނު) އަށް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހްތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވެލިދޫ ކައުންސިލުން ނެރޭ ނޫސްބާޔާން

ނޫސް ބަޔާން

ޤާނޫނު ނަންމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ  ޤާނުނު) އަށް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހްތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވެލިދޫ ކައުންސިލުން ނެރޭ ނޫސްބާޔާން

ޤާނޫނު ނަންމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިސްލާހު ގެނައުމަށް 27 ޖުލައި 2025 ވަނަ ދުވަހު ރައްޔިތުންގެ މަޖުލީހަށް ހުށަހަޅާފައިވާ ބިލާއި މެދު މިކައުންސިލުގެ ނުހަނު ކަންބޮޑު ވުން ހުރިކަން ފާހަގަކުރަމެވެ. ލާމަރުކަޒީ ޤާނޫނަށް ގެނެވޭ ކޮންމެ އިސްލާހަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލައި މަރުކަޒީ ބާރުވެރިކަން އިތުރުކުރުމަށް ގެނެވޭ އިސްލާހެއްގެ ބަދަލުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީކޮށް ބާރުވެރިކޮށް ހަރުދަނާކުރުމަށްޓަކައި ގެނެވޭ އިސްލާހެއްކަމުގައި ހަދަންޖެހޭކަމުގައި މިކައުންސިލުންދެކެމެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހްގެނައުމުގެ ގޮތުން މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ މާއްދާތަށް ތަރުތީބު ކުރެވިފައިވަނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ނ) ގައި ކައުންސިލަރުންގެ އުމުރަކީ 5 އަހަރުކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާއި ފުށުއަރާ ގޮތަށްކަން މިކައުންސިލުން ފާހަގަކުރަމެވެ. މިއިސްލާހުގެ ނަތީޖާއަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް 05 އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބުކުރެވޭ ކައުންސިލަރުންގެ ދައުރު، ނުސީދާ ގޮތެއްގައި ހަނިވެގެންދިއުމެވެ. ގާނޫނުއަސާސީގައި ސާފުކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާ މުއްދަތެއް، ގާނޫނަކަށް ގެނެވޭ އިސްލާހެއްގެ ސަބަބުން ހަނިވެގެންދިއުމަކީ ގާނޫނު އަސާސީން ލާމަރުކަޒީ ނިޒާމަށް ދީފައިވާ ބާރު ކަނޑުވާލުންކަމުގައި ދެކެމެވެ.

މީގެއިތުރުން މިބިލުގެ ސަބަބުން 5 އަހަރު ދުވަހަށް އިންތިޚާބުކުރެވޭ ކައުންސިލަރުން، ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނުން އެކައުންސިލަރުންގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތު އަދާނުކުރެވި 01 އަހަރުދުވަހު ގާނޫނީ ގޮތުން ބަނދެވިފައި ތިބުމަށް ފުރުޞަތު ފަހިވެގެންދާކަމީ މިކައުންސިލުން ކަންބޮޑުވާ ކަމެކެވެ. ބިލު ފަރުމާކޮށްފައިވާގޮތުން، ކައުންސިލަރުންގެ ފަހު އަހަރުގައި މުއައްޒަފަކު ވަޒީފާއިން ވަކިވިނަމަވެސް، ވިހެއުމުގެ ޗުއްޓީއަށް ދިޔަނަމަވެސް، މުސާރަ ނުލިބޭ ޗުއްޓީއެއް ނެންގެވިނަމަވެސް އަދި ވަޒީފާއިން ވަކިކުރިނަމަވެސް، އެމަޤާމަށް ދާއިމީ މުވައްޒަފެއް އަދިކިޔެއްތަ ވަގުތީ މުވައްޒަފަކުވެސް ހަމަޖެއްސުމުގެ އިޚްތިޔާރު ނުލިބެއެވެ.

މީގެއިރުތުން، ކައުންސިލަރުންގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލުގެ ބިންތަކާއި ފަޅުތަކާއި ފަރުތަކުގެ ސަރަހައްދު ކުއްޔަށްދީފައިވާ  މުއްދަތު ހަމަވެއްޖެނަމަ، އެމުއްދަތު އިތުރުކުރުމުގެ އިޚްތިޔާރުވެސް ކައުންސިލަށް ލިބިގެންނުވެއެވެ. އަދި ކޮންމެ ބިމެއް، ކޮންމެ ފަޅެއް އަދި ކޮންމެ ފަރެއް ކުއްޔަށްދޭންޖެހުނަސް ނުވަތަ އެތަނުގައި މަޝްރޫޢުއެއް ހިންގަންޖެހުނުކަމުގައި ވީނަމަވެސް އަދި އިގްތިސާދީ ފަހި ފުރުޞަތެއްގައި އެތަން ތަރައްގީކުރުމުގެ ހިލޭ އެހީ ލިބުނުނަމަވެސް އެކަން ކުރެވޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވާ މައްސަލައެކެވެ.

ލޯކަލް އެތޯރިޓީ ކުންފުނިން ކުރަން ކަނޑައަޅާ މަސައްކަތަކީ ރަށުގައި ކުރަމުން އަންނަ މަސައްކަތަކަށްވުމަކީ އެމަސައްކަތް ކުރުމަށް ލޯކަލް އޮތޯރިޓީ ކުންފުންޏަށް އޮތް ހުރަހެއްކަމުގައި އެހާފުޅާ މާނައެއްގައި އެބިލުގައި ބަޔާންކުރުމަކީ އެކަމުގެ ސަބަބުން ލޯކަލް އޮތޯރިޓީ ކުންފުނިތަށް އުފައްދައި ހިންގުމަށް ގޮންޖެހުންތަށް ކުރިމަތިވެގެންދާނެ ކަމެއްކަން މިކައުންސިލުން ފާހަގަކުރަމެވެ. އަދި މިބިލު ތަރުތީބުވެފައި އޮތްގޮތުން ވާދަވެރި ވިޔަފާރީގެ މާހައުލެއް އުފެއްދުމަށް އެކަމުގެ ސަބަބުން ހުރަސްއެޅި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށުގެ ތަރައްގީއާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރެވޭ ހޭދަތަކަށް ޚަރަދުކުރުމަށްޓަކައި ކައުންސިލަށް ލިބިގެންވާ އާމްދަނީ ހޯދުމުގެ ހައްގު ހަނިވެގެންދާނެކަން މިކައުންސިލުން ފާހަގަކުރަމެވެ. އަދި މިބިލުގެ ސަބަބުން ކައުންސިލްތަކުން ވިޔަފާރި ކުރުމަށް އޮތް ހަނި ޖާގަ އިތުރަށް ބަންދުކުރައްވަން ކުރައްވާ މަސައްކަތް މިކައުންސިލުން ނުހަނު ހަރު އަޑުން ކުށްވެރިކުރަމެވެ.

ޤާނޫނަށް ގެންނަން ހުށަހަޅާފައި އޮތް އިސްލާހުގެ ސަބަބުން، ސަރުކާރުން އަސާސީ ބޭނުމެއްކަމަށް ބަޔާންކޮށް، ކުއްޔަށްދޭ އެއްވެސް ކައުންސިލުގެ ބިމަކުން، ފަޅަކުން، ފަރަކުން އަދި ކައުންސިލްގެ މުދަލަކުން އަދި ކައުންސިލްގެ އިމާރާތްތަކުގެ ކުލި ކައުންސިލަށް ލިބުން ހުއްޓިގެންދެއެވެ. ރަށްރަށުގެ ކައުންސިލްތަކަކީ ފަޅުތަކާއި ފަރުތަކާއި އިމާރާތްތަކާއި ބިންތަށް ކުއްޔަށްދީގެން ބޮޑު އާމްދަނީއެއް ހޯދާ ބަޔަކަށްވާއިރު، މިކަމުގެ ސީދާ އަސަރު ކައުންސިލަށް ލިބޭ އާމްދަނީއަށް ކުރާނެކަމީ ކަންބޮޑުވާ މައްސަލައެކެވެ.

ހަމަ މިއިސްލާހުގެ ސަބަބުން، ކައުންސިލްގެ ބޭންކް އެކައުންޓްތަކާއި އެއެކައުންޓްގައި ހުންނަ ފައިސާ ބޭނުން ކުރުމާއި ޚަރަދުކުރުމުގައި މާލިއްޔަތު ޤާނޫނާއި ގަވާއިދުގެ ބޭރުން، ސަރުކާރުން ބޭނުން ގޮތަކަށް ބޭނުން އިރަކު ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން އެކަންކުރަމަށް ކައުންސިލަށް މަޖުބޫރުވެގެން ދާކަމީ ކަންބޮޑުވާ މައްސަލައެކެވެ. އެކަމުގެ ނަތީޖާއަކީ ކައުންސިލްގެ ޕްލޭންތަކާއި ކައުންސިލުން ހާސިލްކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތަކާއި ރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް ކައުންސިލުން ހިންގަން ބޭނުންވާ ކަންކަން ހިންގުމުގައި ބޭނުންވާ ފައިސާ ޚަރަދުކުރުމާއި ބޭނުންކުރުމުގައި ދަތިތަށްކުރިމަތިވެ، އެކަމުގައި ކައުންސިލްގެ އަމިއްލަ އިޚްތިޔާރު ގެއްލިގެން ދިޔުމެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރުކަން ކުރައްވައި، މި ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ އެތައް ވާހަކައެއް އެކި މަންސަތަކުގައި ދައްކަވައި، ލާމަރުކަޒީ ނިޒާމުގެ ހަގީގީ މާނައިގައި ބާރުވެރިކޮށްދެއްވާނެކަމުގެ ބޮޑު ވައުދާއިގެން ވެރިކަމަށް ވަޑައިގެންހުންނެވި ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅިގެން ދިއުމަކީ މިކައުންސިލުން ނުހަނު ކަންބޮޑުވުމެކެވެ. އަދި ޤާނޫނުއަސާސީ ތަރުތީބުވެފައިވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުމާއި ރައްޔިތުންގެ މަޝްވަރާ ހިމެނޭގޮތުން ރަށްރަށުގެ ތަރައްގީގެ މަޝްރޫޢުތަށް ހިންގުމުގެ މައްޗަށްކަމަށްވާއިރު، ކައުންސިލުގެ ބާރުވެރިކަން ކުޑަވާގޮތަށް މަރުޒަކީ ނިޒާމެއްގެ ތެރެއިން ހަމައެކަނި ރައިސުލްޖުމްހޫރިއްޔާ އެކަންކަން ކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު ތަރުތީބުވުމަކީ ކަނޑައެޅިގެން ޤާނޫނު އަސާސީ އާއި ލާމަރުކަޒީ ޤާނޫނާއި ޚިލާފުކަމެކެވެ.

ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނާ އެއްގޮތަށް އަމަލުކުރައްވައި ބިލް އަބުރާ ގެންދެވުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. އަދި ރައްޔިރތުންނަށް ރައްކާތެރިކަމާއި، ލާބާއާއި މަންފާ ހޯއްދަވައިދެއްވައި ކައުންސިލްތަކުގެ ބާރުވެރިކަން ގެއްލުނަ ނުދިނުމަށްޓަކައި ޤާނޫނު ހަދާ މަޖްލީހުގައި ތިއްބެވި މެމްބަރުނަށް މިބިލަށް ވޯޓުނުދެއްވުމަށް މިކައުންސިލުން ގޮވާލަމެވެ.

12 ޞަފަރު 1446  ހ.

06 އޮގަސްޓް 2025  މ.

ޤާނޫނު ނަންމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނު) އަށް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހްތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވެލިދޫ ކައުންސިލުން ނެރޭ ނޫސްބާޔާން

 

ޖޫނިއަރ ފުޓްބޯލް ކޯޗިންގ ކޭމްޕް 2025

ނ.ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 18 އަހަރުން ދަށު އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ޖޫނިއަރ ފުޓްބޯލް ކޯޗިންގ ކޭމްޕެއް 8 ޖުލައި އިން 1 އޯގަސްޓް އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯޗިންގ ކޭމްޕްގައި ޖުމްލަ 65 ކުދިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 9 އަހަރާއި 12 އަހަރާއި ދެމެދުގެ 37 ކުދިންނާއި، 13 އަހަރާއި 18 އަހަރާ ދެމެދުގެ 28 ކުދިން ހިމެނެއެވެ. ކޭމްޕްގެ ސެޝަންތައް ކުރިއަށްދާނީ ދެ އުމުރުފުރައަށް ބަހާލެވިގެން ވަކިންނެވެ. މި ކޭމްޕްގެ ތަމްރީންތައް ކުރިއަށްދާނީ ޑެންމާކްގެ ފުޓުބޯޅައިގެ ތަޖުރިބާކާރެއްކަމަށްވާ ކޯޗް ފްރެޑްގެ ބެލުމުގެ ދަށުންނެވެ. ކޯޗް ފްރެޑްއަކީ ޑެންމާކްގެ ފުޓްބޯޅައިގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ތަޖުރިބާ ކާރެކެވެ. ކޯޗް ފްރެޑްގެ އިރުޝާދުގެ ދަށުން ގިނަ ކުޅުންތެރިންތަކެއް ޕްރޮފެޝަނަލް ފެންވަރަށް ތަމްރީންވެފައިވެއެވެ.

މި ކޯޗިންގ ކޭމްޕް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ވެލިދޫގައި އުވެމުންދާ ފުޓުބޯޅައިގެ ކުޅިވަރު އުފެދެމުން އަންނަ އާ ޖީލަށް ދިރުވާ އާލާކުރުމެވެ. ކޯޗިންގ ކޭމްޕްގައި ކުދިންނަށް ފުޓްބޯޅަ ކުޅުމުގެ އަސާސީ ހުނަރުތަކާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން އުނގަންނާދެވިގެންދާނެއެވެ.

ފުޓްބޯޅައަކީ ރާއްޖޭގައި އެންމެ މަޤްބޫލު ކުޅިވަރުގެ ގޮތުގައި ފާހަގަ ކުރެވޭއިރު، ޒުވާން އުމުރުފުރާގެ ކުދިންނަށް މިފަދަ ކޯޗިންގ ކޭމްޕްތައް ބޭއްވުމަކީ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ފާހަގަކުރެވެއެވެ.

ނ.ވެލިދޫ ޤުރްއާން މުބާރާތް 1446

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ނ.ވެލިދޫ ޤުރްއާން މުބާރާތް 1446 މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އަދި 28 ޖޫން 2025 ގައެވެ. މި މުބާރާތުގައި ޖުމްލަ 68 ބައިވެރިން ވާދަކުރާއިރު، އޭގެ ތެރެއިން 17 ބައިވެރިން ވާދަކުރާނީ ނުބަލާ ކިޔުމުގެ ގޮފީގައެވެ. އަދި 51 ބައިވެރިން ވާދަކުރާނީ ބަލައިގެން ކިޔެވުމުގެ ގޮފީގައެވެ.

ވެލިދޫ ޤުރްއާން މުބާރާތަކީ ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް ބާއްވާ މުބާރާތެކެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގަށް ޤުރްއާން ކިޔެވުމަށާއި، ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ އިތުރުން، ޤައުމީ ޤުރްއާން މުބާރާތަށް ބޭނުންވާ ބައިވެރިން އުފެއްދުމަކީވެސް މި މުބާރާތުގެ މައިގަނޑު މަޤްޞަދެވެ.

މި މުބާރާތުގައި ވާދަކުރެވޭ އުމުރުފުރާތަކަކީ

  • 18 އަހަރުން މަތި
  • 15 އަހަރާއި 17 އަހަރާ ދެމެދު
  • 13 އަހަރާއި 14 އަހަރާ ދެމެދު
  • 10 އަހަރާއި 12 އަހަރާ ދެމެދު
  • 7 އަހަރާއި 9 އަހަރާ ދެމެދު
  • 4 އަހަރާއި 6 އަހަރާ ދެމެދުގެ އުމުރުފުރާތަކެވެ.

މި ހުރިހާ އުމުރުފުރާއަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވޭނެއެވެ.

މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތަށް ޢުމްރާ ދަތުރެއް ލިބޭއިރު، 2 ވަނައަށް 10,000 ރުފިޔާ އަދި 3 ވަނައަށް 7,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން ވަކިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައި، އިނާމު ދެވޭނެއެވެ.

މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވެއެވެ. މި ގޮތުން މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޯލްޓެޑް ފައިބަރ ވޯކްސް އަދި ކޯ ސްޕޮންސަރެއްގެ ގޮތުގައި ވެނީލާ އިންވެސްޓްމެންޓް ހަރަކާތްތެރިވެއެވެ. އެސޯސިއޭޓް ސްޕޮންސަރުންގެ ގޮތުގައި މާރޗީ އެމް.ވީ އާއި ވެލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ބައިވެރިވެފައިވާއިރު، އެލަންޒާ މޯލްޑިވްސް އާއި ހުސްއަލި ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވަނީ ޕާޓްނަރ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއަކީ މުބާރާތުގެ ބޭންކިންގ ޕާޓްނަރެވެ. އަދި ގާސިމްސްއަކީ މުބާރާތުގެ ޑިޒައިނިންގ ޕާޓްނަރެވެ. މި މުބާރާތް ކާމިޔާބު ކުރުމަށް މި ފަރާތްތަކުގެ އިތުރުން އެހެން ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަންވެސް ލިބިފައިވެއެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް 3 މެއި ގައި ފަށަނީ

ކުރީ އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް، މިއަހަރުގެ މެއި މަހުގައި އަނެއްކާވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކުރީ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް މުބާރާތް ހުޅުވާލެވިފައިވަނީ ނ.އަތޮޅުގެ ހުރިހާ ރަށްތަކަކަށެވެ. އެގޮތުން ފިރިހެން ޑިވިޝަންގައި 7 ޓީމު ބައިވެރިވެފައިވެއެވެ. އެއީ

  • ފޮއްދޫ ސްޕޯޓްސް ކްލަބް
  • މާޅެންދޫ ވޮލީ ޓީމް
  • ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް ވޮލީ ޓީމް
  • ވެލިދޫ ސްޕޯޓްސް ކްލަބް
  • ހެނބަދޫ ވޮލީ ޓީމް
  • މަނަދޫ ސްޕޯޓްސް ކްލަބް އަދި
  • ނ.މަގޫދޫ ވޮލީ ޓީމެވެ.

އަންހެން ޑިވިޝަންގައި 5 ޓިމު ބައިވެރިވެފައިވެއެވެ. އެއީ

  • ވެލިދޫ ސްޕޯޓްސް ކްލަބް
  • ފޮއްދޫ ސްޕޯޓްސް ކްލަބް
  • ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް ވޮލީ ޓިމް
  • ނ. މަގޫދޫ ކައުންސިލް ވޮލީ ޓީމް އަދި
  • މަނަދޫ ސްޕޯޓްސް ކްލަބެވެ.

އަލަށް ތަޢާރަފުކުރި 19 އަހަރުން ދަށުގެ ޑިވިޝަނަށް ހަމައެކަނި ވެލިދޫ ސްޕޯޓްސް ކްލަބުން ބައިވެރިވެފައިވާތީ، މިޑިވިޝަން މިއަހަރު ނުބޭއްވުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި މިޑިވިޝަނަށް އިތުރު ޓީމުތައް ބައިވެރިވާނެކަމަށް މުބާރާތް އިންތިޒާމްކުރާ ކޮމިޓީން އުންމީދުކުރެއެވެ.

މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމެވެ. ކުރީ އަހަރެކޭވެސް އެއްގޮތަށް މުބާރާތުގެ އިނާމުގެ ގޮތުގައި ޗެމްޕިއަން ޓީމަށް 20,000 (ވިހިހާސް ރުފިޔާ) އަދި ރަނަރަޕް ޓީމަށް 10,000  (ދިހަހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުރީ އަހަރުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، މިއަހަރުގެ މުބާރާތް އިތުރަށް ކުރިއެރުވުމަށް ޚާއްޞަ މަސައްކަތްތަކެއްވެސް ދަނީ ކުރެވެމުންނެވެ.

މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ. މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ވެލިދޫ ކައުންސިލްގެ ހޮޓްލައިން 7897744 އަށް ގުޅުއްވުމުން ނުވަތަ info@velidhoo.gov.mv އަށް އީމެއިލް ކުރެއްވުމުން ލިބިގެންދާނެއެވެ.

ކުރީ އަހަރުގެ ކާމިޔާބު މުބާރާތަށްފަހު، މިއަހަރުގެ މުބާރާތަކީވެސް ނ.އަތޮޅުގެ ވޮލީބޯޅަ ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ މުހިންމު ފުރުސަތަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި މުބާރާތުގެ ސަބަބުން އަތޮޅުގެ ރަށްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުޅިވަރުގެ ރޫހު އާލާވެ، އަދި ޒުވާނުންގެ ހަރަކާތްތެރިކަން އިތުރުކުރެވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ފިޠުރު ޢީދު ދުވަހު ވެލިދޫގައި ޢާއިލީ ހަވީރާއި ވެލިދޫ ވޮލީ ލީގު 2025 ކުރިއަށް ދާނެ

ނ. ވެލިދޫގެ މުޢައްސަސާތައް ގުޅިގެން މިއަހަރުގެ ފިތުރު އީދު ދުވަހު ޢާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރު އޮންނާނީ ބަނބުކެޔޮހިޔާ ޕާކުގައި ހަވީރު 4:30 ގައެވެ.

މި ހަވީރަކީ ވެލިދޫ ކައުންސިލް، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި ފެނަކަ ކޯޕަރޭޝަން ގުޅިގެން އިންތިޒާމުކުރާ ޙަރަކާތެކެވެ. މި ޢާއިލީ ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރު ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މީގެއިތުރުން، ފިތުރު ޢީދު ދުވަހުގެ ރޭ ވެލިދޫގައި ވޮލީބޯޅައަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން “ވެލިދޫ ވޮލީބޯލް ލީގް 2025” ގެ ނަމުގައި ވޮލީ ލީގެއް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ލީގުގައި އަންހެން އަދި ފިރިހެން ދެ ޑިވިޝަންގެ ކުޅުން ކުރިއަށްދާނެއެވެ.

ވޮލީ ލީގުގައި ބައިވެރިވާ ކުޅުންތެރިން ޓީމުތަކަށް ބަހާލެވިގެން އަންހެން ޑިވިޝަންގައި 3 ޓީމު އަދި ފިރިހެން ޑިވިޝަންގައި 4 ޓީމު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި ޙަރަކާތްތަކަކީ ރަށުގެ އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމަށް ބޭއްވިގެންދާ ޙަރަކާތްތަކެކެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށް ވެލިދޫ ނައިޓް މާކެޓް 2025 މިއަހަރުވެސް ބާއްވަނީ

ވޭތުވެދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހަށް ޚާއްސަކޮށްގެން ނައިޓް މާކެޓެއް ބޭއްވުމަށް ވެލިދޫ ކައުންސިލުންދަނީ ތައްޔާރު ވަމުންނެވެ. މިނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 20ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ފެބުރުވަރީވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، 2 ދުވަހަކަށް ބަހާލައިގެންނެވެ.

މި މާކެޓުގައި ވެލިދޫއާއި، ނ. އަތޮޅުގެ އެހެނިހެން ވިޔަފާރިވެރިން ހިމެނޭހެން ޖުމްލަ 14 ސްޓޯލެއް ހިމެނޭއިރު، އެ ސްޓޯލްތަކުން ބަދިގެ ސާމާނު، އަންނައުނު، އަދި ކާބޯތަކެތީގެ އިތުރުން އެހެނިހެން އިމްޕޯޓް މުދާ ލިބެން ހުންނާނެއެވެ.

މީގެއިތުރުން، މިމާކެޓުގެ 2ވަނަރޭ މުޅިން އަލަށް ކައުންސިލުން އިންތިޒާމުކޮށްގެން ޢާއްމުކޮށް ހުޅުވާލައިގެން ޑިނަރނައިޓެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ޑިނަރ ނައިޓުގައި ވިދަމުން އަންނަ ލަވަކިޔުންތެރިޔާ، އަދުހަމްގެ ލައިވް މިއުޒިކް ޝޯވއެއްވެސް ކުރިޔަށްދާނެއެވެ.

ގޫގުލް ފޯމު މެދުވެރިކޮށް ޑިނަރ ނައިޓްގެ ޓިކެޓް ބައްލަވައިގަތުމުގެ ފުރުޞަތުވަނީ މިހާރު ޢާއްމުކޮށް ހުޅުވާލެވިފައެވެ. ޓިކެޓް ބައްލަވައިގަންނަ ފަރާތްތަކަށް 2 ވައްތަރެއްގެ ޓިކެޓް ބައްލަވައިގަތުމުގެ އިޚްތިޔާރު ލިބިލައްވާނެއެވެ. ޑިނަރނައިޓްގެ މެނޫ ގޫގުލް ފޯމުގައި ހިމެނިފައިވާނެއެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/5Tefcjw73VUTQTTo6

ޑިނަރ ނައިޓުން ކައުންސިލަށް ލިބޭ އާމްދަނީ ބޭނުންކުރެވިގެންދާނީ ރައްޔިތުންނަށް މަންފާކުރަނިވި ހަރަކާތްތަކާއި، މަޝްރޫޢުތައް ހިންގުމަށެވެ. ވުމާއެކު، ވީހާވެސް ގިނަ ފަރާތްތަކަކުން ޑިނަރ ނައިޓްގެ ޓިކެޓް ބައްލަވައިގަތުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މީގެ އިތުރުންވެސް، ދެންނެވުނު ފަދައިން ކައުންސިލްގެ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

އެކައުންޓް ނަން: 1337 ރެވެނިއު 1

އެކައުންޓް ނަންބަރު: 7720700428001

ވެލިދޫ ނައިޓް މާކެޓަކީ ވެލިދޫގެ ރައްޔިތުންނަށް ހެޔޮ އަގުގައި އެއްތަނަކުން ވިޔަފާރިކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މުދާ ވިއްކުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަޤްސަދުގައި އާއްމުކޮށް ހުޅުވާލެވިގެން 2022ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި ކުރިއަށް ގެންދަމުން އަންނަ ނައިޓް މާކެޓެކެވެ. ކައުންސިލްގެ އުންމީދަކީ ނައިޓް މާކެޓަށާއި، ޑިނަރ ނައިޓަށް ޢާއްމުންގެ ފަރާތުން އެކަށީގެންވާ ތަރުޙީބެއް ލިބުމެވެ.

ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްޓަޑީ ކޭމްޕްތައް ބޭއްވުމަށް އެހީ ދެއްވައިފި

ނ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު އުގެނެމުން ގެންދާ ގްރޭޑް 10 ގެ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް އެމަރުކަޒުން ހިންގަމުން ގެންދާ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ ޖީ.ސީ.އީ އޯލެވެލްގެ މުޠާލިޔާއަށް، އެކި މާއްދާތައް ކިޔަވަވައިދެއްވާ ޓީޗަރުން ގެނެސްގެން ކުރިއަށް ގެންދިޔުމަށް ހިންގޭ ސްޓަޑީ ކޭމްޕްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ނ.ވެލިދޫ ކައުންސިލުގެ 04 ވަނަ ދައުރުގެ 145 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން 30000.00 (ތިރީސްހާސް ރުފިޔާ) ގެ އެހީއެއް ނ.އަތޮޅު ތަޢުލީމީ މަރުކަޒަށް ވަނީ ދެއްވާފައެއެވެ. މި އެހީގެ ސަބަބުން ނ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ދަރިވަރުންގެ ބެލެނިވެރިން އަދި ޕީ.ޓީ.އޭ ގެ ފަރާތުން ކުރަމުން ގެންދާ ހޭދައަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ވެލިދޫގެ މުއައްސަސާތަކާއި، ކްލަބް ޖަމުޢިއްޔާތަކުން އެދޭ ކަންކަމުގައި  މީގެ ކުރިންވެސް އަދި މިހާރުވެސް އެކިގޮތްގޮތުން ކައުންސިލުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން މިއަހަރު ނ.އަތޮޅު ތަޢުލީމީ މަރުކަޒުން ހިންގާފައިވާ ފުޓްބޯލް ފިއެސްޓާއާއި، ބެލެނިވެރިންގެ ދުވަހުގެ ހަރަކާތްތަކާއި، އަދިވެސް އެމަރުކަޒުން ކުރިއަށް ރާއްވަވާފައިވާ ހަރަކާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެލިދޫ ކައުންސިލުން ނިންމާފައިވާކަންވެސް ފާހަގަކުރެވެއެވެ.

17 ޖުލައި 2024

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ވާދަކުރުމަށް ވެލިދޫއިން ހޮވިފައިވާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެގޮތުން ކައުންސިލުން ބައްދަލުކޮށްފި

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް (މާލޭގައި) 29 ޖޫން 2024 ގައި ފެށިގެން ކުރިއަށްދާއިރު، މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 128 މުއައްސަސާއަކުން 1000އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ވާދަކުރުމަށް ނ. އަތޮޅުން 22 ދަރިވަރެއް ހޮވިފައިވާއިރު މީގެތެރެއިން 3 ދަރިވަރުންނަކީ ވެލިދޫގެ ދަރިވަރުންކަން ފާހަގަކުރަމެވެ. މި މުބާރާތުގައި ވެލިދޫ  ތަމްސީލުކުރުމަށް ވެލިދޫއިން ހޮވިފައިވަނީ:

  • މުޙައްމަދު އަމާނުﷲ އަބްދުﷲ، ލައިލަކްހައުސް / ނ.ވެލިދޫ
  • އިބްރާހިމް ޝައުން، އުތުރުގެ / ނ.ވެލިދޫ
  • ޢަލީ މާޒް ބިން މުހައްމަދު، ހަނދުވަރީގެ / ލ.ކުނަހަންދޫ

މިދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ވެލިދޫ ކައުންސިލުންވަނީ މި ކުދިންނާއި މިކުދިންގެ ބެލެނިވެރިންނާއި ބައްދަލުކޮށް މިކުދިންނަށް ފުރިހަމަ ކާމިޔާބީއަށް އެދި ހިތްވަރުދިނުމުގެ ގޮތުން ހަދިޔާއެއް އަރުވާފައެވެ.

30 ޖޫން 2024

ނ.ވެލިދޫ ކައުންސިލުން ޖަމާޢަތްތެރިކަމުގެ ކޯހެއް ހިންގުމަށް ނިންމައިފި

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާއިން ކީރިތި ޤުރުޢާނާބެހޭ ޤައުމީ މަރުކަޒާއި ގުޅިގެން ޖަމާޢަތްތެރިކަމުގެ ކޯހެއް މުޅިންހިލޭ ހިންގުމަށްވަނީ ހަމަޖެހިފައެވެ.

2 ޙަފްތާއަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯހުން ޖަމާޢަތްތެރިކަމާއި ގުޅުންހުރި ހުރިހާ ކަމެއް ދަސްކޮށްދެވިގެންދާނެއެވެ. އަދި ކޯސް ފުރިހަމަކުރައްވާ އެންމެހާ ފަރާތްތަކަށް ކީރިތި ޤުރުޢާނާބެހޭ ޤައުމީ މަރުކަޒުގެ ޖަމާޢަތްތެރިކަމުގެ ސެޓްފިކެޓް ލިބިގެންދާނެއެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 13 އޭޕްރީލް 2024ވާ ހޮނިހިރު ދުވަހުގެ 23:59އެވެ. ކޯހުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުއްވޭނެއެވެ.

 

އައްސޭރި ކޮމިއުނިޓީ ޕާކް ތަރައްޤީކުރުމަށް، ނ.ވެލިދޫ ކައުންސިލާއި ބްރަދަރހުޑް އެސޯސިއޭޝަން އޮފް ނޮލެޖެބަލް އެންޑް އެކްޓިވް ވަންސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ނ.ވެލިދޫ އައްސޭރި ކޮމިއުނިޓީ ޕާކް ތަރައްޤީކުރުމަށް، 6 އޮގަސްޓް 2023ގައި ނ.ވެލިދޫ ކައުންސިލާއި ބްރަދަރހުޑް އެސޯސިއޭޝަން އޮފް ނޮލެޖެބަލް އެންޑް އެކްޓިވް ވަންސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމަކީ ބްރަދަހުޑް އެސޯސިއޭޝަން އޮފް ނޮލެޖަބަލް އެކްޓިވް ލޯޔަލް ވަންސްގެ ފަރާތުން ހިލޭސާބަހަށް މިރަށުގައި ކޮމިއުނިޓީޕާކެއް އެޅުމަށް އެދި ކައުންސިލައް ހުށަހަޅާފައިވާތީ އެކަމަށް ކައުންސިލުން އެފަރާތައް ދޫކޮށްފައިވާ ނ.އަތޮޅު ތައުލީމީ މަރުކަޒުގެ ދެކުނުން އޮތް ހުސްބިން (އައްސޭރި ސަރަހައްދު) ގައި “އައްސޭރި ކޮމިއުނިޓީ ޕާކް”ގެ ނަމުގައި ޕާކެއް ތަރައްޤިކުރުމަށް އެފަރާތައް ކައުންސިލުން ދީފައިވާ ބިމުގައި ޕާކު ތަރައްޤިކުރުމަށް ކުރެވޭ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ (މީގެފަހުން “ބިމުގެ ވެރިފަރާތް” މިހެންބަޔާން ކުރެވިފައި) އާއި ބްރަދަހުޑް އެސޯސިއޭޝަން އޮފް ނޮލެޖަބަލް އެކްޓިވް ލޯޔަލް ވަންސް (މީގެފަހުން “ބިން ތަރައްޤީކުރާފަރާތް” މިހެންބަޔާން ކުރެވިފައި) އާއި ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.

“އައްސޭރި ކޮމިއުނިޓީ ޕާކް” ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ކުރެހުމާއި އެއްގޮތަށެވެ.